ހުޅަނގުގެ ދަރަނިތަކުގެ ހިޔަނީގައި ކުދި ގައުމުތައް

ހުޅަނގުގެ ދަރަނިތަކުގެ ހިޔަނީގައި ކުދި ގައުމުތައް

m.ali
ހުޅަނގުގެ ސަރުކާރުތަކުގެ އިތުރަށް ކުންފުނިތަކުންވެސް މިހާރު ދަނީ ބޮޑެތި އަދަދުތަކުން ދަރަންޏަށް ފައިސާ ނަގައިގެން ތާރީޚީ މިންވަރަކަށް ޚަރަދުކުރަމުންނެވެ. ނޮވެމްބަރުގެ ކުރީކޮޅަށް އައިއިރު، އެމެރިކާގައި ވިކުނު އިންވެސްޓްމަންޓް-ގްރޭޑް ކޯޕަރޭޓް ބޮންޑްގެ އަގުވަނީ 1.88 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސް، ކުރީގެ ހުރިހާ ރެކޯޑެއް މުގުރާލާފައެވެ. މީގެ ތެރެއިންވެސް ބޮޑު ބައެއް ޝާމިލް ކުރަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަރައްގީ ކުރުމާއި އެއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމް ކުރުމުގެ މަސައްކަތެވެ.

ފާއިތުވި އޮކްޓޯބަރު މަހުގެ ފަހުންވެސް، މައިކްރޮސޮފްޓް އިން ވަނީ އޭއައި ޑޭޓާ ސެންޓަރުތަކުގެ ޚަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް 25 ބިލިއަން ޑޮލަރުގެ ބޮންޑް ވިއްކާފައެވެ. އަދި އޭގެ ފަހުން މެޓަ ކުންފުނިން (ފޭސްބުކާއި އިންސްޓަގްރާމާއި ވަޓްސްއެޕްގެ ބެލެނިވެރި ކުންފުނި) ވަނީ 15 ބިލިއަން ޑޮލަރުގެ އިތުރުން، އެ ކުންފުނީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔޫރޯގެ ބޮންޑެއް ވިއްކައިގެން 9 ބިލިއަން ޔޫރޯ ހޯދާފައެވެ. ގިނަ ގައުމުތަކުގެ މުޅި އިގްތިސާދަށްވުރެ ބޮޑު ރިޒާވެއް އޮތް (56 ބިލިއަން ޑޮލަރުގެ ކޭޝް ރިޒާވަކާއި އެކު ޖުމްލަ 137 ބިލިއަން ޑޮލަރު) އެޕަލްއިން ވަނީ ހިއްސާ އަނބުރާ ގަތުމަށާއި ފައިދާ ބެހުމަށް 7.5 ބިލިއަން ޑޮލަރުގެ ބޮންޑް ވިއްކާފައެވެ. AA+ ރޭޓިންގ އެއް އޮތުމާއި އެކު އެގުހެޔޮކޮށް ފައިނޭންސްކުރެވޭ ގޮތް ވުމުން، އަތުގައި ހުރި ކޭޝް ބޭނުން ކުރުމަށްވުރެ ބޮންޑު ވިއްކައިގެން މިކަންކަން ކުރުން ހަމަ ފައިދާ ބޮޑީއެވެ.

ވޯލްޑް ސްޓްރީޓާއި ސިލިކަން ވެލީން ފަސޭހަކަމާއެކު އެތައް ބިލިއަނެއް ހޯދަމުންދާއިރު، މިއީ ދުނިޔޭގެ އެހެން ސަރަހައްދުތައް މާލީ ގޮތުން ތާށިކުރުވައި، ކުދި ގައުމުތައް ބާކީކޮށްލާ ކަމެކެވެ.
މިނިވަން މާކެޓް ފައިސާގެ ދަތުރުން ކުދި އިގްތިސާދުތައް ބާކީވުން
އިގްތިސާދީ އުސޫލުތަކަށް ބަލާއިރު، މި ފެންނަނީ ކެޕިޓަލިޒަމް އޭގެ ގޮތުގައި މަސައްކަތް ކުރާ މަންޒަރެވެ: އެއީ ރައްކާތެރިކަމާއި، ލިކުއިޑިޓީ އިތުރު އަދި ފައިދާ ހޯދެން އޮތް ދިމާލަކަށް ފައިސާ ދަތުރުކުރުމެވެ.

މިނިވަން މާކެޓެއްގައި ފައިސާ ދަތުރުކުރާނީ އެންމެ ރަނގަޅު ފައިދާއެއް ލިބޭ ތަންތަނަށެވެ. އެމެރިކާގެ ޓްރެޝަރީ ބޮންޑްތަކުން ރައްކާތެރިކަމާއި އެކު އެވްރެޖްކޮށް ރަނގަޅު އާމްދަނީއެއް ލިބޭއިރު، އަދި އެމެރިކާގެ ކުންފުނިތަކުން ބޮޑު ފައިދާއެއް ނެރެދޭ އިރު، އިންވެސްޓަރުން އެ ދިމާއަށް ދިއުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.

ދުނިޔޭގެ މާލީ ނިޒާމަކީ ހަމަހަމަ މައިދާނެއް ނޫންކަމީ ހަގީގަތެކެވެ. ހުޅަނގުގެ ގައުމުތަކުގެ ދަރަންޏާއި ބޮޑެތި ޓެކް ކުންފުނިތަކުން މުޅި ދުނިޔޭގައި ހުރި ފައިސާގެ ބޮޑު ބައެއް ދަމައިގަންނަ އިރު، ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް ސާފު ބޯފެނާއި، ސިއްހީ ނިޒާމާއި، އެހެނިހެން އިންފްރާސްޓްރަކްޗަރަށް ބޭނުންވާ ފައިސާ ހޯދުމުގެ ފުރުސަތު ބަންދުވެގެންދެއެވެ.
ޤައުމުގެ އެތެރޭގެ މައްސަލަތައް: ކޮރަޕްޝަނާއި ނުކުޅެދުންތެރިކަން
މިއީ ކަން އޮތް ގޮތް ނަމަވެސް، ކުދި އިގްތިސާދުތައް މިހާލަތަށް ވެއްޓެނީ ހަމައެކަނި ހުޅަނގުގެ މާލީ ބާރުވެރިކަމުގެ ސަބަބުން ކަމަށް ބުނެ ހުރިހާ ޒިންމާއެއް އެއްފަރާތް ކޮށްލެވޭކަށްވެސް ނެތެވެ. ބައިނަލްއަގްވާމީ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ކުދި ގައުމުތަކުންވެސް އަމިއްލަ ނިޒާމުތައް އިސްލާހުކުރަންޖެހެއެވެ. އެކި ސަބަބުތަކާއި ހުރެ، އެމެރިކާއަށް ނުވަތަ ޔޫރަޕަށް ދާން ބޭނުންނުވާ ފައިސާ ފޮތިވެސް އަންނާނީ އޭރުންނެވެ.

މިގޮތުން ބަލާއިރު، އެތިކަލީ މަސައްކަތް ކުރާ އިންވެސްޓަރުންގެ އިތުބާރު ނުލިބޭ އެންމެ ބޮޑު ސަބަބަކީ ކޮރަޕްޝަނާއި އިދާރީ ނުކުޅެދުންތެރިކަމެވެ.

ކުޑަ ގައުމަކުން ބަނދަރެއް ނުވަތަ ކަރަންޓް ނެޓްވޯކެއް އެޅުމަށް ބޮޑު ލޯނެއް ނަގާއިރު، އޭގެ ބޮޑު ބައެއް ކޮރަޕްޝަންގެ ތެރެއިން ގެއްލިގެންދާނަމަ، ދައުލަތުގެ ދަރަނި މައްޗަށް ގޮސް ލޯނު ދެއްކުމުގެ ގާބިލުކަން ކުޑަވެއެވެ. އަދި އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކުން ލިބެންޖެހޭ މަންފާ ގެއްލިގެންދެއެވެ. އިގްތިސާދީ ގޮތުންވެސް ނިކުންނަންވާ ފައިދާ ނުނިކުމެއެވެ. އެހެންންކަމުން، ކުދި ގައުމުތަކުން ކޮރަޕްޝަން ހުއްޓުވުމާއި އިދާރީ ހިންގުން ހަރުދަނާކުރުމަކީ މާލީ ގޮތުން ސަލާމަތްވުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ނިޒާމީ ދަތިކަމެއް
ދުނިޔޭގެ ބޮޑެތި ގައުމުތަކާއި އެގައުމުތަކުގެ ބޮޑެތި ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ދަރަނި ނަގަމުންދާ ވަގުތެއްގައި، ރަނގަޅަށް ހިންގާ ކުޑަ ގައުމަކަށްވެސް ބޭރުން ލޯނެއް ނަގަން ޖެހެނީ އިންތިހާއަށް ބޮޑު އިންޓަރެސްޓް ރޭޓެއްގައެވެ. މީގެ ސަބަބުން އެފަދަ ގައުމުތަކަށް މަޖުބޫރުވަނީ އިންފްރާސްޓްރަކްޗަރ މަޝްރޫއުތައް ހުއްޓާލަން ނުވަތަ މާބޮޑު ދަރަންޏަކަށް ވެއްޓޭށެވެ.

މިކަމާ މެދު ވިސްނާލާއިރު، މިއީ ހަމައެކަނި މާލީ މައްސަލައެއް ނޫނެވެ؛ މިއީ މުޅި ދުނިޔޭގެ ނިޒާމަށް އޮތް ގޮންޖެހުމެކެވެ. ކުދި ގައުމުތަކަށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތު ނުދީ، މުޅި މާލީ ނިޒާމު ހަމައެކަނި ބޮޑެތި ކުންފުނިތަކާއި ގައުމުތަކަށް ފައިދާވާ ގޮތަށް ބައްޓަންކޮށްފައި އޮތުމަކީ މުޅި ދުނިޔެއަށް އޭގެ ނޭދެވޭ އަސަރުކުރަމުންދާ ކަމެކެވެ.

އެހެނަސް، މިއަކީ ކުދި ގައުމުތަކަށް ހައްލުކުރެވެން އޮތް ކަމެއް ނޫނެވެ. ކުރެވެން އޮތް ކަމަކީ "ލިބޭ މިންވަރު ނިކަން ދަނެގެން، ބޭނުންތައް ރަނގަޅަށް ބަހާލައިގެން" ތެދުވެރިކަމާއި އެކު ކުރިއަށް ދިއުމެވެ.